logo

ބީއެމްއެލްގެ އެމްޑީ އަކަށް ސީއީއޯ ޝަރީފް

profile

ޝާމާ ޝުޢައިބު - 30 އޮކްޓޯބަރު 2024 - 20:00

މުޙައްމަދު ޝަރީފް

މުޙައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއަދު ބޭއްވި ބޭންކުގެ ޚާއްސަ އާންމު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޝަރީފް ބީއެމްއެލް ބޯޑަށް އައްޔަނު ކޮށްފައިވާ ކަމަށެވެ. އެ ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ޝަރީފް މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ކަމަށްވެސް ބޭންކުން ބުންޏެވެ.

އެ ބޭންކުގެ ސީއީއޯގެ މަގާމަށް ޝަރީފް އައްޔަނު ކުރީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. މިއީ އެ ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެހި ރައްޔިތަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ. އެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

1995 ގައި އެބޭންކާ ގުޅިވަޑައިގަތުމަށްފަހު ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޝަރީފް އިސްތިއުފާ ދެއްވީ ފެބުރުއަރީ 2020ގައެވެ. ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށް ފަހު، އޭނާ ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވައިފައެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމްވެސްވަނީ ފުރިހަމަކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމްވެސް އަދާކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާ އެކު، ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން ބޭންކުން އިއުލާންކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ.

https://int.etukuri.mv/
tel:+9607331319