އިގްތިޞާދީ އިޞްލާހީ އެޖެންޑާގައި ހިމެނޭ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ ނޮން-ކޮންޓްރިބިއުޓަރީ ރިޓަޔަރމަންޓް އިނާޔަތްތައް ޖަނަވަރީ 1 އިން ފެށިގެން ހުއްޓާލުމަށް އިދާރާތަކަށް އެންގި އެންގުން ބާތިލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައިސް އޮފީހުން ބުނީ ރައީސް މިފަދައިން ނިންމެވީ، ޑިސެމްބަރ 1، 2024 ވަނަ ދުވަހު ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށްފަހު، އެކަމާއި ގުޅިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި އަމަލުކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައިސް އޮފީހުން ބުނެއެވެ.
އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.