logo
މިސްރާއި ސައުތު އެފްރިކާ ވާދަކުރި މެޗުގެ ތެރެއިން..

މިސްރާއި ސައުތު އެފްރިކާ ވާދަކުރި މެޗުގެ ތެރެއިން..

ސައުތު އެފްރިކާ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި މިސްރުން ދެވަނަ ބުރު ޔަގީންކޮށްފި

profile

ހަސަން ޝަމްއޫން - 26 ޑިސެމްބަރު 2025 - 20:16

މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަން ގުރޫޕް ބީގައި މިރޭ ސައުތު އެފްރިކާ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި މިސްރުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގައި މިސްރު ކުޅުނު ފުރަތަމަ މެޗުގައި ޒިމްބާބުވޭ އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ސައުތު އެފްރިކާ އިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އެންގޯލާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައުތު އެފްރިކާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމު ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސްރުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ލިވަޕޫލް ފޯވާޑް މުހައްމަދު ސަލާހް އެވެ.

ނަމަވެސް މެޗު އިތުރު ވަގުތުގެ ތެރޭގައި މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑުދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ދެވަނަ ހާފުގައި ސައުތު އެފްރިކާ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިސްރުން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަަނައިގައި މިސްރު އޮތްއިރު، މިމެޗުން ބަލިވި ސައުތު އެފްރިކާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

ގުރޫޕް ސްޓޭޖުގައި މިސްރުން ކުޅޭ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އެންގޯލާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ގުރޫޕްގެ އެއްވަނަ އެޓީމަށް ކަށަވަރު ކުރެވެން އޮތްއިރު، އެރޭ ޒިމްބާބުއޭ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނުވަތަ މެޗު އެއްވަރުކޮށްލައިގެން ވެސް ސައުތު އެފްރިކާއަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay