
ދެން ޖެހޭނީ ޓެރިފާއި އެއްގޮތަށް އުފެއްދުންތަކުގެ އަގަށް ބަދަލު ގެންނަން: އޭސަރގެ ޗީފް އެގްޒެކެޓިވް އަދި ޗެއާމަން ޖޭސަން ޗެން
ޓްރަމްޕްގެ ޓެރިފް ސިޔާސަތާ ގުޅިގެން އެންމެ ބޮޑު އެއް ކޮމްޕިއުޓަރ ކުންފުނިން 10 ޕަސެންޓް އަގު ބޮޑުކޮށްފި

މުޙައްމަދު މުޝްރިފް - 17 ފެބްރުއަރީ 2025 - 07:15
ދުނިޔޭގައި ކޮމްޕިއުޓަރު އުފައްދާ އެންމެ ބޮޑު އެއް ކުންފުނީގެ ވެރިޔާ ވިދާޅުވެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްގެ ސީދާ ނަތީޖާއެއްގެ ގޮތުން އަގުތައް 10 ޕަސެންޓް މައްޗަށް އުފުލަނީ ކަމަށެވެ.
އޭސަރގެ ޗީފް އެގްޒެކެޓިވް އަދި ޗެއާމަން ޖޭސަން ޗެން ވިދާޅުވީ ޗައިނާގައި އުފައްދާ ލެޕްޓޮޕްތަކުގެ އަގު އެމެރިކާއިން ބޮޑުކުރުމަކީ "ބައި ޑިފޯލްޓް" ކަމެއް ކަމަށާއި އަންނަ މަހުން ފެށިގެން އެކަން ކުރާނެ ކަމަށެވެ.
ނަމަވެސް އެމެރިކާ ހިމެނޭ ގޮތަށް ޗައިނާއިން ބޭރަށް އުފެއްދުންތެރިކަން ބަދަލުކުރުމަށް ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ދެން ޖެހޭނީ ޓެރިފާއި އެއްގޮތަށް އުފެއްދުންތަކުގެ އަގަށް ބަދަލު ގެންނަން" ކަމަށް މިސްޓަރ ޗެން ވިދާޅުވި އެވެ. ޓްރަމްޕުގެ އިމްޕޯޓް ޓެކްސްގެ ސަބަބުން 10 ޕަސެންޓު މައްޗަށް މި އުފެއްދުންތަކުގެ އަގުތައް ދާނެ ކަމަށާއި މީ ވަރަށް ސާފު ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.
އޭސަރގެ އެންމެ އަގުބޮޑު ލެޕްޓޮޕްތަކުގެ އަގު 3،700 ޑޮލަރު (2،934 ޕައުންޑް) އަށް އަރާއިރު، މީގެ މާނައަކީ ޓެރިފްތަކުގެ ސަބަބުން ލެޕްޓޮޕްތަކުގެ އަގަށް އެތައް ސަތޭކަ ޑޮލަރެއް އިތުރުވެގެން ދާނެއެވެ.
ކެމްޕޭންގައި ޓްރަމްޕް ވިދާޅުވީ ޓެރިފްތަކުން ކޮންސިއުމަރ އަގުތައް މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ހަފްތާގައި ޑިއުޓީތަކުގެ ސަބަބުން އެ އަގުތައް "މަތިވެދާނެ" ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
މިސްޓަރ ޗެން ވިދާޅުވީ އަގު ބޮޑުކުރަން ނިންމީ މިދިޔަ ހަފްތާގައި ކަމަށާއި، ފެބްރުއަރީ މަހުގެ ކުރިން ޗައިނާއިން ފުރި އުފެއްދުންތަކަށް ޓެރިފް ނުހިނގާތީ އެތަކެތީގެ އަގު އަދި ބޮޑު ނުވާނެ ކަމަށެވެ. ނަމަވެސް މަސްދުވަސް ފަހުން އަގުތަކަށް އަންނަ ބަދަލު ބޮޑު ތަނުން ފެންނަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ކުންފުނިތަކުން ޓެރިފްތައް ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން 10 ޕަސެންޓަށް ވުރެ އަގު ބޮޑުކުރުން އެކަށީގެންވެއެވެ.
ޓައިވާންގައި ހުންނަ އޭސަރއަކީ އެމެރިކާގައި އެޗްޕީ، ޑެލް، ލެނޯވޯ އަދި އެޕަލްގެ ފަހަތުން ފަސް ވަނައަށް އެންމެ ގިނައިން ކޮމްޕިއުޓަރު ވިއްކާ ކުންފުންޏެވެ. އޭގެ ގިނަ ލެޕްޓޮޕްތައް އެސެމްބްލް ކުރަނީ ޗައިނާގެ ކޮންޓްރެކްޓަރުންނެވެ.
މިސްޓަރ ޗެން ވިދާޅުވީ ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް އެސެމްބްލް ކުރުމުގެ މަސައްކަތް ޗައިނާއިން ބޭރަށް ބަދަލުކޮށްފައިވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 25 ޕަސެންޓް ޓެރިފް ކަނޑައެޅުމުންނެވެ.
އޭނާ ވިދާޅުވީ މިހާރު އެކުންފުނިން ބަލަނީ ޗައިނާ އިން ބޭރުން ތަފާތު ސަޕްލައި ޗެއިންތަކެއް ކަމަށާއި އެމެރިކާގައި އުފެއްދުން ވެސް އެއީ އެއް ގޮތް ކަމަށެވެ.
އެމެރިކާއަށް އެތެރެކުރާ ލެޕްޓޮޕްތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ޗައިނާގައި އުފައްދާފައިވާ ލެޕްޓޮޕްތަކެއް ކަމުން، މިމަހު ޓްރަމްޕް ވަނީ 10 ޕަސެންޓްގެ ޓެރިފެއް ނަގައިފަ އެވެ.
އިލެކްޓްރޯނިކްސް އިންޑަސްޓްރީގެ ޓްރޭޑް ބޮޑީ ކޮންސިއުމަރ ޓެކްނޮލޮޖީ އެސޯސިއޭޝަން (ސީޓީއޭ) އިން ބުނީ ޗައިނާއިން 70 ޕަސެންޓް ޓެރިފް ނެގުމުން ޗައިނާއިން އިމްޕޯޓް ކުރާ މިންވަރު 79 ޕަސެންޓް ދަށްވާނެ ކަމަށާއި އެމެރިކާގެ އުފެއްދުންތެރިކަން އެންމެ 8 ޕަސެންޓް އިތުރުވާއިރު އަގުތައް 45 ޕަސެންޓް މައްޗަށް ދާނެ ކަމަށެވެ.
ޓްރަމްޕް ވަނީ މިދިޔަ ހަފްތާގައި ވިޔަފާރީގެ ހަނގުރާމަ ވަރުގަދަ ކުރައްވައި، ވެޓް (ވީއޭޓީ) ނަގާ ގައުމުތަކުން އެތެރެ ކުރާ މުދަލަށް އިމްޕޯޓް ޑިއުޓީ އިތުރުކުރަން ނިންމާފައެވެ.
އިގްތިސާދީ މާހިރުން ލަފާކުރަނީ އިނގިރޭސިވިލާތުން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން 21 ޕަސެންޓް ޓެކްސް ނެގުމުން އިނގިރޭސިވިލާތަށް 24 ބިލިއަން ޕައުންޑުގެ ގެއްލުމެއް ވާނެކަމަށެވެ.
ޓްރަމްޕު ވިދާޅުވީ އަގުތައް ކޮންމެވެސް ވަރަކަށް ކުރު މުއްދަތަކަށް މައްޗަށް ގޮސްދާނެ ކަމަށާއި އެއީ ވަގުތީ ކަމެއް ކަމަށެވެ.
މައްޗަށް ދާނެ އެއްޗަކީ ވަޒީފާތައް ކަމަށާއި ވަޒީފާތައް އިންތިހާއަށް މައްޗަށް ދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.