-1765079250590.webp&w=3840&q=75)
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 11:30
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރެއްވި ދިވެހި ތަރިކައިގެ ބައެއް ނަކަލު ވުޒާރާއާ ހަވާލުކުރައްވައިފިއެވެ.
ޕޮލިޓެކްނިކްގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާއާ ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރެވެ.
ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލެކެވެ.
ގުރުޒުގެ ނަކަލު ތައްޔާރުކުރެއްވީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީންނެވެ.
ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރެއްވީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންނެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ޕޮލިޓެކްނިކާ ހަވާލުކުރެއްވީ އެފަދަ މަސައްކަތެއް ކުރުމަކީ އެ ކަމުގެ ހުނަރާއި ފަންނާ އަދި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ.
ޕޮލިޓެކްނިކްގެ މަސައްކަތުގެ ފުރިހަމަކަން ފާހަގަކުރައްވައި ޝާކިރު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ނަންފުޅުގައި ޕޮލިޓެކްނިކްގެ އިސްވެރިންނާއި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
2 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
5 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
7 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
7 ގަޑިއިރު ކުރިން


