logo

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ - މެޓް

profile

އަހުމަދު ޒަލީފު - 22 މޭ 2024 - 15:52

----

----

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ދެ ދުވަހު މެދު ރާއްޖެ ތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ރެމާލް" މެއި މަހުގެ 24 ވަނަ ދުވަހު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ބޭ އޮފް ބެންގާލް އަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ވަނީ މޫސުން ގޯސްވެ، މެދުތެރޭ ބޭ އޮފް ބެންގާލް އަށް ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައެވެ.

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

tel:+9607331319