logo
ޗެލްސީ އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން..

ޗެލްސީ އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން..

ވޯލްޑް ޗެމްޕިއަން ޗެލްސީ އިން ފަސޭހަކަމާއެކު ބާސެލޯނާ ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 25 ނޮވެމްބަރު 2025 - 23:04

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވޯލްޑް ޗެމްޕިއަން ޗެލްސީ އިން ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން ލީގުބުރުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ނެދަލޭންޑްސްގެ އަޔަކްސް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްގެ ކުލަބު ބުރޫޖް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފު ޗެލްސީގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކުންޑޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން އިތުރު ދެލަނޑު ކާމިޔާބުކުރި ނަމަވެސް އޭގެ ތެރެއިން އެއްލަނޑު ވީއޭއާރުން ބެލުމަށްފަހު އޮސައިޑް ކަމަށް ނިންމިއިރު، އަނެއް ލަނޑު ވީއޭއާރުން ކެންސަލް ކުރީ ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވާތީ އެވެ.

މީގެ އިތުރުން މިމެޗުގައި ބާސެލޯނާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުނުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޒުވާން ފޯވާޑް އެސްޓެވާއޯ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ކުޅެން ނިކުތް ލިއަމް ޑެލިޕް އެވެ.

މިނަތީޖާއެކު ލީގުބުރުގައި ޗެލްސީ އިން ކުޅުނު ފަސް މެޗުން އެޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަތް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay