ވާހަކަ: ބެސްޓް ފްރެންޑް (އެޕިސޯޑް 5)
ޔަޝްފާ އަބްދުލްޣަނީ - 30 ޖެނުއަރީ 2023 - 01:01
ވާހަކަ: ބެސްޓްފްރެންޑް
(އެޕިސޯޑް 4 އާއި ގުޅޭ)
ބައްޕަގެ މަރުސާބިތުކުރުމާއި ސަހަރާއަށް ގެންދިޔަ ހިސާބުން އަހަރެންވެސް ސަހަރާއަށް ދިޔައީމެވެ. އެންމެންގެ ނަފުރަތު އަހަރެންނަށް އަމާޒުވީ ކަމުގައި ވިޔަސް ބައްޕަގެ މޫނު ނުދެކި ވަޅުލައިފިނަމަ އަހަރެން އުމުރުދުވަހަށް އެކަމުގެ ހިތާމަ ކުރަން ޖެހޭނެތީއެވެ. ސަހަރާގައި ތިބި މީހުން އަހަންނަށް ކުރި ފުރައްސާރަތަކަކީ މި ހިތުން ދުވަހަކުވެސް ފިލާނެ ކަންކަމެއް ނޫނެވެ. ބައްޕަގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި ބަޔަކު އެޅުވިޔަސް އަހަރެންގެ ކުށެއްނެތްކަން މާތް ﷲ ދެނެވޮޑިގަންނަވާނެއެވެ. އިޝާނަމާދުގެ ފަހުގައި އޮތް ބައްޕަގެ ޖަނާޒާ ނިންމާފައި ބޭރަށް ނިކުތް އިރު ނަފާ އަހަރެންގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ.
"ހުސޭނު ކަލޭ ވަރިވެސް ކުރީދޯ. އަހަރެން ހިއެއްނުކުރަން އެހާ ފަސޭހައިން އެކަން ވާނެކަމަކަށް." ނަފާގެ ކާމިޔާބީގެ އުފާ މޫނުމަތީން ފެންނަން ހުއްޓެވެ.
"ކަލޭ އަހަރެންގެ ބައްޕަވެސް މަރާލައިފީމެއްނު." އަހަރެން ރައްދުގައި ބުނީމެވެ.
"ބައްޕަވެސް މަރުވާނެދޯ އެހާ ވިޔާނުދާ ދަރިއެއް ލިބުނީމަ. އެ ނާޒުކު ހިތަށް ކެތްވާނީ ވަކިވަރަކަށްނު. އަދި މަންމަވެސް އެ ހިތާމައިގައި ހިނގައިދާނެ." ނަފާ ހިނިތުންވެލިއެވެ.
"ކަލޭ ކުރި ހުރިހާ ނުބައިކަމެއްގެ ރަހަ ކަލޭ ކަރުބުޑުގައިވެސް ލާނެ ދުވަހެއް އަންނާނެ.މާތްﷲ ކަލެއަށް އެދުވަސް ނުހަނު އަވަހަށް ދައްކަވާނެ." އަހަރެން ބުނީމެވެ.
"ހާދައަވަހަކަށް ބަލި ގަބޫލުކުރީ. ކޮންމެ މީހަކުވެސް ބަލި ގަބޫލު ކުރެވުނީމާ ހެއްދެވިފަރާތުގެ މަތިން ހަނދުމަވާނެ." ނަފާގެ އަޑުގައިވަނީ ބޮޑާކަމެވެ.
އަހަރެން އިތުރު އެއްޗެއް ނުބުނެ ގެއަށް ދިޔައީމެވެ. ލިބިފައި ހުރި ވަރުބަލިކަމާއި ބަނޑުހައިކަމުން އަހަރެންނަށް ކޮޅަށް ހުރެވެނީކީ ނޫނެވެ. ގެއަށް ވަތްއިރު އަހަރެންގެ ފޮށީގައި ހުރީ އަލިފާންޖަހާ ހުރިހާއެއްޗެއް އަންދާ އަޅިއަށް ހަދާފައެވެ.
"ކަލެއަކަށް މިގެއަކުން ޖާގައެއްނެތް. އަހަރެމެންގެ ހަޔާތުން ކަލޭ މަރުވެއްޖެ." ބޭބެ އަހަރެންގެ އަތުގައި ހިފާ ގެއިން ނެރެލިއެވެ.
އަހަރެން އިތުރަކަށް އެއްޗެއް ނުބުނަމެވެ. ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް އަހަރެން ނުދެކެމެވެ. އަހަރެންގެ މައުސޫމުކަން ސާބިތު ކޮށްދެވޭނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭގެ ހެއްކެއްވެސް ނެތެވެ. މީހުންގެ ނަފުރަތާއިފުރައްސާރައަށް އަހަރެން ހޭނިއްޖެ ކަހަލައެވެ. ފިރިމީހާ އަހަރެން ވަރިކޮށްފިއެވެ. މައިންބަފައިންގެ ކުރިމަތީގައި އަހަރެން މީ މަރުވެފައިވާ މީހަކަށް ވެއްޖެއެވެ. ދެން ވަކި އެހީވާނެ ހިލޭ މީހަކު ހުންނާނެ ހެއްޔެވެ؟ ގޭ އެންމެން ނިދަންދެން އަހަރެން ގެ ކައިރީގައި ހުރި ބަނބުކެޔޮ ގަސްދޮށުގައި ފިލާ އިނީމެވެ. ރޭނގަނޑުގެ ކަނު އަނދިރިކަމަށް އިންތިހާއަށް ބިރުގަންނަ އަހަރެން މިރެއަކު ބިރެއް ނުގަނެއެވެ.
"އަހަރެން ކުށެއް ނުކުރަން. ނަފާ އަހަރެންނަށް މި ދިން އަނިޔާގެ ބަދަލު ދޭނަން. ހިތިގޮތަކަށް އޭނާގެ ދުވަސް ދުއްވާލާނަން." އަހަރެންނަށް ބުނެވުނެވެ. އަހަރެންމީ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ދިންމީހެއް ނޫނެވެ. ނަމަވެސް ބަދަލުހިފުމުގެ ރޫހު އަހަރެންގެ ހިތުގައި އުފެދެމުން ދިޔައެވެ.
ހަށިގަނޑުގެ ވަރުދެރަކަމާއި ބަނޑުހައި ހޫނުކަމާއި އަދި ރޭނގަޑުގެ ފިނިކަމުން އަހަރެންނަށް ނިދި ޖެހުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެންނަށް އޮވެވުނު ގޮތަކުން ގައިގާ ރިއްސާތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނީމެވެ. ވިސްނާވިސްނާވެސް އަހަރެން ދާނެވަކި ތަނެއް ނޭނގުނެވެ.
"ހެނދުނުވުމުން މަންމަ އަހަރެންނަށް ހަމްދަރުދީވެ ގެއަށް ވައްދަފާނެކަންނޭނގެ" މަންމަގެ ފުށުން އަހަރެންނަށް އުންމީދު ކުރެވެނީ އެ މަންމައަކީ ނުހަނު އޯގާތެރި މަންމައަކަށް ވީމައެވެ. ނަމަވެސް އެއީވެސް ކުރެވުނު ކުށްހީއެކެވެ. އެގޭ އެކެއްގެ ހިތުގައިވެސް އަހަންނަކަށް ރަހުމެއް ނެތެވެ. ހެނދުނު ތެދުވެ އެންމެން އެކީ ސައިބޮއި ހެދިއިރުވެސް އެކަކުވެސް އަހަރެން ފެންނަކަމަކަށް ނުހަދައެވެ.
"މިއޮތީ ރޫމާއަށް ސްކޫލުން ފޮނުވި ސިޓީއެއް." ސްކޫލުގެ މަސައްކަތު މީހާ އައިސް ސިޓީއުރައެއް ދިއްކޮށްލިއެވެ.
އަހަރެން ސިޓީއުރައިގާ ހިފީމެވެ. ވަރަށް ބިރުންހުރެ ސިޓީއުރަ ކަނޑާލީމެވެ. އޭގައި ރަނގަޅު އެއްޗެއް ލިޔެފައި ނޯންނާނެކަން މާކުރިންވެސް ސިކުނޑިއަށް ވިސްނައިދިނީމެވެ. މިހާރަކަށްއައިސް ހިނގަމުންދާ އެންމެހާ ކަންކަމަކީ އަހަރެންނަށް މުޅިން ޝޮކަކަށް ދާންޖެހޭ ވަރުގެ ކަންކަމަށްވާތީއެވެ. ސިޓީ ރަނގަޅަށް ކިޔާލިއިރު އަހަރެންގެ ހުރި ހުރިހާ އުންމީދެއް ފެނަށްވީއެވެ. ސޯޝަލް މީޑިޔާގައި ފެތުރެމުންދިޔަ ބޭ އަދަބީ ފޮޓޯތަކުގެ މައްސަލަ ބަލާ ނިމެންދެން މުސާރަ ނުލިބޭގޮތަށް އަހަރެން ސަސްޕެންޑް ކުރީއެވެ. މިއީ ހަމައެކަނި ފައިސާލިބެން އޮތް މަގެވެ. އެ މަގު ބަންދުވުމުން ހަތަރު އުދަރެސް ފެނުޖެހުނީއެވެ.
"ކަލޭ އަދިވެސް އިނީތަ؟ އަހަރެމެން ލޯ ކުރިމަތިން ފެއްސިގެން ދޭ." ބޭބެ އައިސް އަހަރެންގެ އަތުގައި ހިފާ ކޮށްޕާލިއެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. މަޑުމަޑުން ހިނގާފައި ކުރިއަށް ދިޔައީމެވެ. ދާނެ ވަކި މަންޒިލެއް ނެތެވެ. ވަންނާނެ ގެދޮރެއް ނެތެވެ. އަޅާލާނެ ޔާރެއް ވިޔާރެއް ނެތެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. ރަތްވިލާގެ ކުލަތަކުން ދުނިޔެ ރަން ކުރަމުން ދިޔައެވެ. ރޭގަނޑުގެ ކަނު އަނދިރިކަން ފެތުރޭންވާއިރަށް ދޫނިސޫފާސޫފިވެސް އެސޮރުމެންގެ ހާޔަށް ވަދެއްޖެއެވެ. އަހަރެން ވަންނާނީ ކޮންތާކަށްބާވައެވެ؟
"އާކިފް." އަހަރެންނަށް އޭނާގެ ނަން ކިއުނެވެ. މި ހުރިހާ ގެއްލުމެއް މިލިބުނީ އޭނާގެވެސް ސަބަބުންނެވެ. ވީއިރު އޭނާ އަހަރެންނަށް ކަމޭހިތާފާނެއެވެ. އަހަރެންގެ ހިތުގައި އާކިފާއިމެދު އުންމީދެއް އުފެދެންވީ ކީއްވެހެއްޔެވެ؟ އެއީ ވަކި އަހަރެންނަށް ހެޔޮއެދޭން ކާކުހެއްޔެވެ؟ އަބުރުގެއްލި ބަރުބާދުވެފައިވާ އަންހެނަކަށް އޭނާ ވާނީ ވަކި ކޮން ހަމްދަރުދީއެއް ހެއްޔެވެ؟
"ނޫން. އޭނާ ޖެހޭނީ އަހަރެންނަށް އެހީވާން. އޭނާވެސް ނަފާދެކެ ރުޅިއާދޭ." އަހަރެން ބޭނުންވީ ނަފާގެ ހުރިހާ ކަމެއް ހޯދާށެވެ. އޭނާ ވައްޓާލާނެ މޮޅު ރޭވުމެއް ރޭވުމަށެވެ. އެކަންކުރާނީ އާކިފުގެވެސް އެހީއާއި އެކުގައެވެ.
އަހަރެން އާކިފް އުޅޭ ގެސްޓް އައުސްއަށް ވަނީމެވެ. އޮރެންޖްކުލައިގެ އަލިއެޅިފައިވާ ބަގީޗާ ބޮޑުވެފާ ހިތްގައިމެވެ. ދޭތެރެ ދޭތެރޭގައި އިށީނދެ ތިބެވޭގޮތަށް ބަހައްޓާފައި ހުރި އުނދޯއްޔާއި ގޮނޑިތަކުން ތަނުން ފެންނަނީ ފުރިހަމަކަމެވެ.
"އާކިފް... އާކިފަށް ގޮވާލަދީބަލަ." ކުރިންވެސް ފެނުން ތައިލެންޑްގެ އަންހެން ކުއްޖާކަމަށްވާ މޭރީ ފެނުމުން އަހަރެން ބުނީމެވެ. އޭނާ އަހަރެންނާދިމާއަށް ހައިރާންކަމާއެކު ބަލަން ހުއްޓެވެ.
"އާކިފަށް ގޮވާލަދީބަލަ." އެންމެފަހުން އަހަރެން އިގިރޭސި ބަހުން ބުނީމެވެ.
"އޭނާއެއް ނެތް. އެކަމަކު މަޑުކުރޭ. މިތާ އިށީނދޭ." އެތާހުރި އުނދޯއްޔެއް ދައްކާފައި އޭނާ އެތެރެއަށް ވަނެވެ.
ދިހަވަރަކަށް މިނިޓްފަހުން މޭރީ އައީ އިތުރު މީހަކު ގޮވައިގެންނެވެ. އެއީވެސް ޔުނީފޯމެއް ލައިގެން އުޅޭ ފިރިހެން މުވައްޒަފެކެވެ. ހީވަނީ އެއީ ބަންގްލަދޭޝް މީހެއްހެންނެވެ.
"މޫސައާއިއެކު ދޭ." މަރީ އެދުނީ އަހަރެން އެމީހާއާއިއެކު ދިއުމަށެވެ.
"ކޮބާ އާކިފް؟" އަހަރެން އެހީމެވެ.
"އޭނާ މިރަށަކު ނެތް. އޭނާ ބުނީ ކަލޭ މިރޭ މިތާ މަޑުކުރުމަށް ޖާގަ ދިނުމަށް." މޭރީ ބުންޏެވެ.
އަހަރެން ބަސްއަހާ ސްކޫލްކުއްޖެއްހެން އެ މޫސަގެ ފަހަތުން ދިޔައީމެވެ. ވަންނާނެ އެއްވެސްތަނެއް ނެތުމުން އަހަރެންނަށް ލިބިފައިވާ މަޖުބޫރީ ހާލަތުން ލިބިދާނެ އިތުރު ނުރައްކަލަކަށް ވިސްނާކަށް ޖާގައެއް ނުދެއެވެ. މޫސަ އަހަރެންނަށް ދެއްކި ކޮޓަރިއަށް ވަނީމެވެ. އެއީ ނުހަނު ބޮޑު ފުރިހަމަ ކޮޓަރިއެކެވެ. ނިދާނެ ބޮޑު އެނދެއްގެ އިތުރުން ސޯފާއަކާއި މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. ބޮޑު އަލަމާރިއަކާއި ޑްރެސިންޓޭބަލެއްވެސް ހުއްޓެވެ.
"ފެންވަރައިގެން ރެސްޓޯރެންޓަށް އާދޭ." މޫސަ އިނިގިރޭސި ބަހުން ބުންޏެވެ. ހީވާގޮތުގައި އޭނާއަކީ ރާއްޖެއަށް އާ މުވައްޒަފެކެވެ.
ބޮލުގެ އިޝާރާތުން އާނއެކޭ ބުނީމެވެ. ނަމަވެސް އަހަރެން ފެންވަރާކަށް ނުވަންނަމެވެ. ލިބިފައިވާ ވަރުބަލިކަމުން އަހަރެން އެނދުގައި އޮށޯވެލީއެވެ. ނުކައި ހުރުމުގެ ސަބަބުން އަހަރެންގެ ގަޔަކު ހަކަތައެއް ނެތެވެ. ނަމަވެސް އަހަރެން ބަނޑުހައެއްވެސް ނުވެއެވެ. ދާދި ކުޑަވަގުތުކޮޅެއްގައި އަހަރެންނާ މިދިމާވީ ޒަލްޒަލާ ތަކެކެވެ. ކައިވެނި ރޫޅުނީއެވެ. ބައްޕަ ނިޔާވެ މިސްކީނުވީއެވެ. މަންމަ ދުނިޔޭގައި ހުއްޓަސް ޔަތީމުވެސް ވީއެވެ. ކިޔަވައިގެން ހުއްޓަސް ވަޒީފާގެއްލި ފަގީރަކަށް ވީއެވެ. ސަލާން ޖަހަން މަޖުބޫރުވީއެވެ.
އަހަރެންނަށް ހޭލެވުނީ ދަންވަރު ދޭއް ޖަހަނިކޮންނެވެ. ލިބިފައިވާ ބަނޑުހައިކަމުން އަހަރެން ތުރުތުރު އަޅައެވެ. އެއްޗެއް ނުކައި އިތުރަކަށް ނުހުރެވޭނެއެވެ. އަހަރެން ކޮޓަރިން ނިކުމެ ގޯތިތެރެއަށް ވަނީމެވެ. ދިރުމެއްގެ ހިލަމެއް ނުވެއެވެ. މުޅިތަނަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. މަޑުމަޑުން ކުރިއަށް ހިނގައިގަތީމެވެ. ރެސްޓޯރެންޓާއި ދިމާލަށް ދިޔައިރު އަހަރެންނަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ.
އާކިފް އިނީ ރެސްޓޯރެންޓް ބޭރުގައި ހުރި މޭޒެއްކައިރީގައެވެ. އޭނާ ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުލި ކުރަމުންދިޔައެވެ. ސިކުނޑީގައި އެނބުރެމުންދާ ހިޔާލުތަކުން އޭނާވަނީ ފުން ވިސްނުމެއްގައިކަން ގައިމެވެ.
"އެމީހުންބުނި އާކިފް މިރަށުގައި ނެތްކަމަށް" އަހަރެން މަޑުމަޑުން ބުނީމެވެ.
"އާނ. މިއައީ ދަރަވަންދޫއިން. ރޫމާ ހުރިވާހަކަ ބުނީމަ ފްލައިޓް ކެންސަލްކޮށްލީ." އާކިފް ބުންޏެވެ.
އޭނާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ވަރަށް ގިނަ އެއްޗިހި އޭނާ ބުނަން އުޅޭހެން ހީވެއެވެ. ނަމަވެސް އޭނާވަނީ ހިމޭން ވެފައެވެ. އަހަރެން ބަނޑުހައިވެފައިވާކަން އެނގޭކަށް އޭނާއަކަށް މާގިނައިރެއް ނުނަގައެވެ. ފުރިޖުގައި ހުރި އައިސްކުރީމް ތައްޓެއްގެނެސް އަހަރެންނަށް ދިނެވެ.
"ލޯބީ، އަދިވެސް ނާންނަންތަ؟" ގެސްޓް ހައުސްގެ ކޮޓަރިން ނިކުމެގެން އައި އަންހެނަކު އާކިފާ ދިމާލަށް ބުންޏެވެ. އެއީ ޔޫރަޕްގެ އަންހެންކުއްޖެއްކަން ގައިމެވެ. އެކުއްޖާ އައިސް އާކިފްގެ ގާތުގައި އިށީނެވެ. އަހަރެން އާކިފްގެ މޫނަށް ބަލާލީމެވެ.
"މިއީ ޖޫލިއާ. ފްރާންސްކުއްޖެއް." އާކިފް އަހަރެންގެ ހައިރާންކަން ފިލުވާލަދިނެވެ.