
ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ގެންގޮސްދެވިއްޖެ: ރައީސް

މުޙައްމަދު ފަޟްލޫން - 05 ޑިސެމްބަރު 2025 - 08:50
ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި ކުރިއަށްގެންދެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސުލްޖުމްހޫރިއްޔާ ވަނީ ސުވާލުކުރައްވާފައެވެ.
މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށާއި އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޭޝަނަލް ޓީމްތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބޭނެ: ސްޕޯޓްސް މިނިސްޓަރ ރާފިއު
4 މިނިޓު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
11 ގަޑިއިރު ކުރިން

ބިދޭސީންގެ ސިއްހީ ހާލަތަށް ހައްލު ހޯދަންޖެހޭ: މިނިސްޓަރ ނާޒިމް
11 ގަޑިއިރު ކުރިން


