މަސައްކަތް ކުރަމުން ދަނީ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަމުގެ އަދާލަތު ހަމަހަމަކޮށް ގެނެސްދިނުމަށް ކަމަށާއި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އާސަންދަ ނިޒާމުގެ ތެރެއިން އަތްފޯރާ ފަށުގައި ބޭސް ލިބެންޖެހޭ ކަމަށް އެންސްޕާގެ ސީއީއޯ، އަދި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ރާއްޖޭގެ ބޭހުގެ އަގު އޮތީ ދުނިޔޭގެ ނިސްބަތުންވެސް ފަނަރަގުނަ މަތީގައި ކަމަށާއި ރާއްޖޭގައި ބޭސް ވިއްކަމުންދަނީ އާދަޔާ ހިލާފު، ރައްޔިތުންނަށް އަތްނުފޯރާ ވަރުގެ އަގުތަކެއްގައި ކަމަށެވެ. އެއީ 300 އިންސައްތައާއި 4000 އިންސައްތައިގެ ފައިދާ ލާފައި ބޭސް ވިއްކަމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ބޭސް ވިއްކާ ފަރާތްތައް ބޮޑު އަދަދުތަކުން ފައިދާ ނަގަމުންދިއުމަކީ ރައްޔިތުންނަށް ވެސް އަދި ދައުލަތައްވެސް ކުޅަދާނަ ކަމެއް ނޫން ކަމަށް ހީނާ ވިދާޅުވިއެވެ.
އާސަންދަ ސްކީމްގެ ހަރަދު، އެއް އަހަރުން އަނެއް އަހަރަށް މަތިވަމުންންދާކަން ފާހަގަ ކުރަށްވާ ހީނާ ވިދާޅުވީ އެ ހަރަދުތައް އެފަދަ ގޮތަކަށް ދޫކޮށްލުމަކީ ދައުލަތަށް ފަސޭހަ ކަމެއް ނޫންކަމަށެވެ.
ހީނާ ވިދާޅުވީ ބޭހުގެ ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާ ކަމަށާއި، އޭގެތެރެގައި މައިގަނޑުގޮތެއްގައި ހިމެނެނީ އާންމުކޮށް ދިވެހިން ބޭނުން ކުރާ ބޭސްތައް ކަމަށެވެ.
ހީނާ ވިދާޅުވީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ބޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެގޮތައް 10 ބޭހެއް މިހާރު ރާއްޖެގެންސް ފާމަސީ ތަކުން އެ ބޭސް ލިބެން ހުންނާނެ ކަމަށާއި މިކަމުގެ ސަބަބުން ކުޑައަގެއްގައި ރައްޔިތުންނަށް ބޭސް ލިބިގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މީގެ ކުރިން އާސަންދަ ނިޒާމު ބޭނުންކުރީ ސިޔާސީ މަންފާއަށް އަދި ވިޔަފާރީގެ ބޭނުމަށް މަންފާ ހޯދުމަށް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ކަންކަން އިސްލާހުކުރައްވާނެ ކަމަށެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްގެތެރެއިން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ހިދުމަތްތަކެއް ލިބެންއެބަޖެހޭ. ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ބޭސް ލިބެން އެބަޖެހޭ. ރައްޔިތުންނަށް އަތް ފޯރާފަށުގައި ހިދުމަތްތައް ލިބެން އެބަޖެހޭ. އެހެންވީމާ އެކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނަށް އެންމެ އެދެވޭގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަމުގެ އަދާލަތު ހަމަހަމަ ކޮށް ގެނެސްދިނުމަޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ: ހީނާ
ފާހަގަ ކޮށްލެވޭގޮތުގައި ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކޮށް އާސަންދަ ރިޕޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހެއްގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 27 ގައެވެ.
މި ފަހުން އަގު ކުޑަކުރި 250 ބޭހުގެ ތެރެއިން އަގު މުރާޖައާ ކުރެވިފައިވާ 87 ބޭސް މި ހިނގާ ނޮވެމްބަރު އެކަކުން ފެށިގެން ވަނީ އަގު ކުޑަކޮށްފައެވެ. ބާކީ 126 ބޭހެއްގެ އަގަށް މިމަހު 24 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައި ވެއެވެ.
ބޭހުގެ އަގަށް ގެނައި އެ ބަދަލާ އެކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.