logo

އިސްލާމްދީނަށް ނަޞްރު ދިނުމުގައި ސަރުކާރުން ދެމި އޮންނާނެ: ވަޒީރު ޝަހީމް

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 22:51

މިނިސްޓަރ ޝަހީމް

މިނިސްޓަރ ޝަހީމް

މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިރޭ ދެއްކެވި ވާހަކަފުލުގައެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައިސް އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ޙާޞިލްކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. މީގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިރޭ ފެށުނު ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވައެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ރޭގަނޑުގެ ނިޔަލަށެވެ.

tel:+9607331319