
އެންމެ ގިނަ ހުށަހެޅުން އައިސްފަވަނީ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތައް ފުރިހަމަ ނުވެހުރުމުން: ސްޓޭޓް މިނިސްޓަރ

އައިޝަތު އިބްރާހިމް - 08 ފެބްރުއަރީ 2025 - 13:15
ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުން އެންމެ ގިނަ ހުށަހެޅުންތަކުގެ ގޮތުގައި އައިސްފަނީ ކައުންސިލްތަކަށް ބޭނުންވެފައި ހުރި ވަޞީލަތްތައް ފުރިހަމަނުވެ ހުރުމުންކަމަށް، ސިޓީސް އެންޑް ލޯކަލް ގަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތްޙީ ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ އަސްލު ޓީވީން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ ބަޔާން ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުވަނީ އެހެން ލީޑަރަކަށް ނުކުރެވި ވާ ވަރަށް ގިނަ ކަންތައް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ލާމަރުކަޒާ ގުޅުންހުރި ކަންކަން ކުރައްވާ ގިނަ ކާމިޔާބީތައް ހޯއްދަވާފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކަށް ދައުވަތުދެއްވައިގެން އެ ރަށްރަށަށް ވަޑައިން ރައީސް މުޢިއްޒު އަމިއްލަފުޅަށް ގެންދަވަނީ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވަމުން ކަމަށެވެ.
ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ސިޓީކައުންސިލްތައް ހިމެނޭގޮތުން ރާއްޖޭގައި ހަދާފައިވާ 200 ކައުންސިލްގެ ތެރެއިން މިހާތަނަށް އެންމެ ކައުންސިލެއް ފިޔަވާ ރާއްޖޭގެ ހުރިހާ ކައުންސިލަކަށް އެމަނިކުފާނު ދަތުރުކުރައްވާ ކައުންސިލްތަކާ ބައްދަލުކުރައްވާ އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ބޭނުންވާ ކަންކަމާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދި އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަކުރެވި ރައީސް އަރިއަހަށް އައިސްފައިވާ މައްސަލަތަކަކީ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްފުރިހަމަ ވެފައިވާ ނުވުން ކަމަށެވެ. އެއީ ޢުމްރާނީ އަދި ފަންނީ ޤާބިލުކަމާއި މާލީ އެހީތެރިކަމުގެ މައްސަލަތައް ކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" ރައީސް އަރިހަށް މިދެންނެވިހެން ރަށްރަށުގެ ކައުންސިލްތަކުންނާ ރައްޔިތުން ހުށަހެޅި ކަންތައްތކުގެ ތެރޭގައި ވަރަށް އިސްކަމެއްގެ ގޮތުގައި އެންމެ ގިނަ ހުށަހެޅުން އައިސްފަވަނީ، ކައުންސިލްތަކަށް ބޭނުންވެފަ ހުރި ވަޞީލަތްތައް ފުރިހަމަ ނުވެ ހުރީމަ، ކައުންސިލްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާއި އަދި ފަންނީ ޤާބިލުކަމާއި މާލީ އެހީތެރިކަމުގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ހުށަހެޅިފަ ހުރީ .އެކަންކަމަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަން ހައްލުކުރަމަށްޓަކައި އެކަށައެޅުއްވި ވަރަށް ބޮޑު ޕްރޮގްރާމެއް ކައުންސިލް އިދާރާތައް އިމާރާތް ކުރުމަކީ" ސްޓޭޓް މިނިސްޓަރ
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން ޙައްލުކުރަން ކުރުމުއްދަތެއްގެ ތެރޭގައި ރައީސް މުޢިއްޒު ކުރެއްވި ފަދަ މަސްކަތެއް މިހާތަނަށް އެއްވެސް ޒަޢާމަތުން ކުރައްވާފައިވާ ނުވާކަމަށެވެ. މިފަދަ ވާހަކަދެއްކުމުން ބައެއް ބޭފުޅުންނަށް އުނދަގޫވާނެކަމާއި ނަމަވެސް މިއީ ހަޤީޤަތްކަމަށެވެ.
ކައުންސިލް މަޝްރޫއު ބިނާކުރުމުގެ ދެބައެއް ހިމެނޭކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޗައިނާގެ އެހީގައި 50 ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ކުރިއަށްގެންދާގޮތަށް ރޭވިފައިވާކަމަށާއި، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ދައުލަތުގެ ފަރާތުން 55 އިމާރާތެއް ޢިމާރާތްކުރުމުގެ މަޝްރޫޢުވެސް ކޮންޓްރެކްޓަރާއެކު ސޮއި ކުރެވި އަދި ބައެެއް ޢިމާރާތްތަކުގެ ބިންގާވެސް ރައީސުލްޖުމްހޫރިއްޔާ އަޅުވައިދެއްވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމް ފުރިހަމަކުރުމަށްޓަކައި މީގެ އިތުރުންވެސް ވަރަށް ގިނަ ކަންކަންކޮށްފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ފަތުހީ ވިދާޅުވީ ކައުންސިލަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް ހޯއްދަވައިދެއްވުމަށްޓަކައި ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ލިބޭނެގޮތް ހަމަޖައްސަވައިދެއްވިކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި އުސޫލުތަކުގެ ތެރެއިން ޤާނޫނުތަކުގެ ތެރެއިން ޖާގަހޯއްދަވައިގެން މިހާތަނަށް 28 ރަށެއް ޚާއްސަކުރައްވާ އިއުލާންކުރައްވާފައިވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި އަހަރުގެ ރިޔާާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ ކަމަށްވިދާޅުވެފައެވެ.
އެގޮތުން ހުއްޓިފައިވާ ފެނާއި ނަރުދަމާ މަޝްރޫޢުތަކާއި، ސްކޫލް އިންފްރާސްޓަރަކްޗަރ، ހެލްތް ސެންޓަރ އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހާއި މާޗްމަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.