
ޕޯޗުގަލް އާއި އަރްމޭނިއާ ވާދަކުރި މެޗުގެ ތެރެއިން
ރޮނާލްޑޯއާއި ނުލައި ޕޯޗުގަލް އިން ވޯލްޑްކަޕްގެ ޖާގައެެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން - 16 ނޮވެމްބަރު 2025 - 21:44
ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އެފްގައި މިރޭ އަމިއްލަ ދަނޑުގައި އަރްމޭނިއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ކޮލިފައިންގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި އަޔަލޭންޑް އަތުން ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އަރްމޭނިއާ އެންމެ ފަހުން ކުޅުނު މެޗުގައި ހަންގޭރީ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.
ސަސްޕެންޝަންގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި ޕޯޗުގަލް އިން ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. ނަމަވެސް ޕޯޗުގަލްގެ ސަޕޯޓަރުން ހާސްކޮށްލުމަށްފަހު އަރްމޭނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
ނަމަވެސް އަރްމޭނިއާގެ ލަނޑަށްފަހު ޕޯޗުގަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ބްރޫނޯ ފެނާންޑޭސް އަދި ޖޮއާއު ނެވޭސް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
މީގެ އިތުރުން މިމެޗުގައި ޕޯޗުގަލްގެ ގޮންކާލޯ ރާމޮސް، ފްރެންސިސްކޯ ކޮންސެސާއު އަދި ރެނާޓޯ ވިއޭގާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޕޯޗުގަލް އިން ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އަރްމޭނިއާ އިން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެެވެ. އަދި މިގުރޫޕްގައި ރޭ ހަންގޭރީއާ އަޔަލޭންޑް ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަޔަލޭންޑުން ވަނީ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
20 މިނިޓު ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި
ގަޑިއިރެއް ކުރިން

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
14 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
15 ގަޑިއިރު ކުރިން


