މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސަރވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަން ކޮށްފިއެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން މިނިސްޓްރީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނާއިބް ރައީސް، އިބްރަހީމް ރަޝީދު ބައިވެރިވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، މިހާރުވެސް ކުރިއަށްގެންދަވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ޞީއްޙީ ދާއިރާގައި ކުރެވުނު ކަންކަމުގައި އަދި ކުރިއަށް ތަކުގައިވެސް ހާސިލް ކުރަން ބޭނުންވާ ކަންކަމުގައި ސިވިލް މުވައްޒަފުންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސިވިލް މުވައްޒަފުންނަށް ވަނީ އެ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ޚާއްޞަ ބެޖެއް ޙަވާލުކޮށްފައެވެ. މުުވައްޒަފުންނާއި މިބެޖް ޙަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއެވެ.
މީގެ އިތުރުން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ. ކޭކު ފެޅުމުގެ ޝަރަފު އަރުވާފައިވަނީ މިނިސްޓްރީގައި މިވަގުތު އެންމެ ގިނަދުވަހު މަސައްކަތް ކޮށްފައިވާ 2 މުވައްޒަފަކަށެވެ.
މި ރަސްމިއްާޔާތުގައި ސިވިލް މުވައްޒަފުންނާއި މިނިސްޓްރީގެ އިިސްބޭފުޅުން ބައިވެރިވަޑައިގެނެނެވިއެވެ.