logo
ނޫސްވެރިން ކުރަމުން ދިޔަ އިހުތިޖާޖެއްގެ ތެރެއިން

ނޫސްވެރިން ކުރަމުން ދިޔަ އިހުތިޖާޖެއްގެ ތެރެއިން

ނޫސްވެރިކަމުގެ މިނިވަންކަމެއް ރާއްޖޭގައި އޮވޭ ހެއްޔެވެ؟

profile

ރިޟްވާން މޫސާ - 03 މޭ 2026 - 18:51

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރި ކަމުގެ ދުވަހެވެ. މި ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހެވެ.

https://wamco.com.mv/

ހަގީގީ މާނައިގައި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެއް ނުވަތަ ޕްރެސް ފްރީޑަމް އެއް ބައިނަލް އަގުވާމީ ގޮތުން ކަނޑައެޅުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފައި ވަނީ 1993 ވަނަ އަހަރުގަ އެވެ. އެހެން ކަމުން މިއަދު ފާހަގަ ކުރަމުން މިދަނީ ނޫސްވެރި ކަމުގެ މިނިވަން ކަމަށް ފާހަގަ ކުރަމުންދާ 33 ވަނަ އަހަރެވެ.

ނޫސްވެރި ކަމުގެ އެންމެ ބޮޑު އެއް އަސާސަކީ ރައްޔިތުން ބޭނުންތެރި މުހިންމު މައުލޫމާތުތައް ރައްޔިތުންނާއި ހަމަ އަށް ގެނެސްދިނުމުގައި ނޫސްވެރިން ރެއާއި ދުވާލު ފާރަވެރިވެ ކުރަމުންދާ ބުރަ މަސައްކަތްތައް ކަން މި ފުރުސަތުގައި ފާހަގަކޮށްލެވެ އެވެ.

އެކިއެކި ގޮންޖެހުންތަކާއި ވިޔަފާރި ވެރިންގެ ޝިކާރައިގެ ދަށުން ސަލާމަތްވެ ސިޔާސީ ގޮތުން އޮންނަ ފިއްތުންތަކަށް ނުބަލައި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިން ކޮންމެ ދުވަހަކު ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަނީ ކިތައް މީހުންބާއޭ މީ މިއަދު އަމިއްލަ ހިތުން ކުރެވޭ ސުވާލު ތަކެވެ.

33 އަހަރު ފުރުން ފާހަގަ ކުރަމުންދާ މި ދުވަހާއި ގުޅުވައިގެން ނޫސްވެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޙަބަރާއި މައުލޫމާތު އަދި އެ ކަމެއްގެ ސައްހަ ކަން ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތް ނުވަތަ ހަގީގަތާއި އެއްގޮތަށް ކަންކަމުގެ މައުލޫމާތު ނޫސްވެރިންވެސް ފޯރުކޮށްދެމުން އާދޭތޯ ރައްޔިތުންވެސް ސުވާލު އުފައްދަ އެވެ.

ލިޔަމުންދާ ވާހަކަތަކާއި ގެންނަ މަންޒަރުތަކުން ރައްޔިތުންނަށް އެކަމުން ކުރަނީ ފައިދާތޯ ނުވަތަ ގައުމުގައި ފިތުނަ ފެތުރުންތޯ މިއަދު ރާއްޖޭގެ މުޖުތަމައުގައި އަޑު ހަރުކޮށް ސުވާލުއުފައްދަ އެވެ. އެންމެ ބޮޑަށް މިދުވަސްވަރުގައި ދެކެވޭ އެއް ވާހަކަ އަކީ ނޫސްވެރިކަމުގެ މިނިވަން ކަމެއް ނެތް ވާހަކަ އެވެ. ޙިޔާލު ފާޅު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނުނު އަސާސީ ލިބިދީފައިވާ އަސާސީ މުހިންމު ހައްގެކެވެ.

އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ކޮންމެ މީހެއްގެ އަބުރާއި، ކަރާމާތާއި، އިއްޒަތާއި، ޝަރަފު ނަގަހައްޓަން ކޮންމެ މުސްލިމަކު ވެސް ބޭނުންވާނެއެވެ. ނޫސްވެރިން އިސްތިސްނާއެއް ނުވެއެވެ. ހިތުހުރި ކޮންމެ ވާހަކައެއް ދެއްކުމަކީ ނުވަތަ ރައްޔިތުންނަށް ބަންޑުން ކޮށްލުމަކީ ވެސް ޑިމޮކްރަސީއެއް ނޫނެވެ. އަދި ނޫސްވެރިކަމެއް ވެސް ނޫނެވެ.

އާންމު ވިސްނުމަކުން ވިސްނާއިރު ސުވާލު ނުއުފެދޭހެއްޔެވެ؟ އެވެނި މީހަކީ ލާދީނީ މީހެކޭ، މިވެނި މީހަކީ ވަގެކޭ، އަނެއް މީހާއަކީ އެވެނި މިވެނި ކަމެއް ކުރި މީހެކޭ އެންމެ ގިނައިން ތުހުމަތުތައް ކުރި މީހުންނަށް އަބުރުގެ އިއްޒަތާއި ނަފުސުގެ ކަރާމާތް މިއަދު ކުއްލިއަކަށް ވިސްނުނީ ކީއްވެތޯ ވިސްނާލިންހެއްޔެވެ؟ މީގެ ކުރިން އެންމެ ހަޑިހުތުރު ބަސްތަކުން މީހުންނަށް މައްލަވަކޮށް ހެއްދެވި ސިޔާސީ ބޭފުޅުން މިއަދު އަނބިދަރީންނާ އެކު ޓީވީ ބަލައިލަން ނުކެރޭ ވިދާޅުވާތީ ކުޑަކޮށް ނަމަވެސް ހައިރާންނުވޭހެއްޔެވެ؟

ދިވެހި ރާއްޖެފަދަ ކުޑަ ކުޑަ މުޖުތަމައެއްގައި އެނގުން ވާ ވަރަށް ނޫސްވެރިން ތިބުން ނުވަތަ ގިނަ އަދަދަކަށް ނުސްވެރިން ހަރަކާތްތެރިވާ މީޑިޔާ ސްޓޭޝަންތައް ހުރުން މިއީ މިފަދަ ދުވަހެއް ފާހަގަ ކުރަމުން އަންނަ މުނާސަބަތުގައި އުފާކުރަންޖެހޭ ކަމެކެވެ. ހަގީގަތުގައިވެސް އާންމު ރައްޔިތު މީހާ ފާހަގަ ކުރާ އުސޫލުން މި ރާއްޖޭގައި ނޫސްވެރިން ވަރަށް ވެސް ގިނަ ވެއްޖެ އެވެ.

ހަބަރު ފަތުރާ ވަސީލަތްތައް އެކިއެކި ނަންނަމުގައި ހަދައި މީސް މީޑިޔާގެ އެކިއެކި މަންސަ ތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި މިއަދު ފެނިގެން ދަނީ އެބަޔަކަށް އެންމެ ފައިދާ ކުރާނެ ފަދަ ގޮތަކަށް އެއްވެސް ބެލުމެއް ނެތި އަސާސީ މިންގަނޑުން ނެއްޓި އިއްޒަތާއި ކަރާމާތް ގެއްލުވާލާ ފަދަ ގޮތަކަށް އަދި ގައުމުގެ އިސްތިގުލާލަށް ވެސް މިފަދަ ކަންކަމުން ބުރޫ އަރާ ފަދަ ގޮތަކަށް ބައެއް މީޑިޔާ ތަކުން އަމަލުކުރަމުންދާ މަންޒަރެވެ.

މިފަދަ ވާހަކަ ތަކެއް ރައްޔިތުންނާއި ހަމަ އަށް ތިލަކޮށްލެވޭއިރު ހަގީގަތުގައި ވެސް މި ކުރެވެނީ ރައްޔިތުންނަށް ފައިދާ ހުރި ނޫސްވެރިކަމެއްތޯ ނުވަތަ ތިމާގެ ސަބަބުން މުޖުތަމައުގައި ފަސާދަ އަށް މަގުފަހިވެ އަނެކާގެ އަބުރު ކަތިލެވުންތޯ ވިސްނާލުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ނޫސްވެރިންނަކީ ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ތިބޭ ބަޔަކަށް ވާއިރު ނޫސްވެރިކަމުގެ ބޭނުން ހިފައި މީޙުންގެ އަބުރު ކަތިލުމާއި، ފުރައްސާރަ ކުރުމާއި، އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމާއި، މިފަދަ ހުތުރު ކަންކަމުން އެއްކިބާވެ ހަގީގީ ނޫސްރިކަމުގެ ޒިންމާ ކޮންމެ ފަރާތަކުން ވެސް އަދާ ކުރެއްވުމަކީ މިފަދަ ދުވަހެއްގައި ފާހަގަކޮށްލަން މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ނޫސްވެރިކަމުގައި ހަރަކާތެރިވި ބައެއް ނޫސްވެރިން މިއަދު ވަޒީރުންގެ ގޮތުގައި ތިއްވަނިކޮށް ފެނެ އެވެ. ދައުލަތުގެ މަތީ މަގާމުގައި ތިއްވަނިކޮށް ފެނެ އެވެ. އަދި ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ރޯލުން ވެސް ފެނެ އެވެ. ދަންނަވަން މިއުޅެނީ ތިމާ ތާއީދުކުރާ ވެރިކަމެއް ނުވަތަ ޕާޓި އަކަށް ބެލުންތޯ މުހިންމީ ތެދުވެރިކަމާއި އިންސާފާއި ހަމަހަމަ ކަން އިސްކޮށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ހެއްޔެވެ. މިފަދަ ކަންކަމުން އުފެދުނު ސުވާލަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ރާއްޖޭގައި އޮވޭ ހެއްޔެވެ؟

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk