logo

ހުޅުމާލޭގައި ހަމަޖެއްސި ބިމުގައި ޕާކުކުރުމަށް ބޮޑު ތަރުހީބެއް

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 15:51

ބިމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބިމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިމުގައި ޕާކުކުރުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތަރުހީބު ބޮޑުވުމާއެކު އެ ވުޒާރާއިން ވަނީ ހާއްސަ ނަންބަރެއްވެސް މިކަމަށްޓަކައި އާއްމުކޮށްފައެވެ. އެ ވުޒާރާއިން "އަސްލުޓީވީ" އަށް ބުނީ މިހާރު ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހަމަޖެއްސި ބިމުގައި ވެހިކަލް ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން 9444211 ގުޅުމަށްއެދޭކަމަށެވެ.

އަދި މި ބިމަކީ އެއްފަހަރާ 150 އާއި 200 އާ ދެމެދުގެ އަދަދަކަށް އުޅަނދު ޕާކްކޮށްފައި ބެހެެއްޓޭނެ ބިމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން ހުޅުވާލީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

މި ބިމަކީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑް އަދި އެމް.ޕީ.އެލް ފްލެޓް ކައިރީ އޮންނަ 42،132.05 އަކަފޫޓުގެ ހުސް ބިމެކެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދު ގެންދަންޖެހޭނެއެވެ.

މި ޕާކިންގ ޒޯންގެ މަގްސަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރަޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންގޮސް ގާނޫނުގެ ތެރެއަށް އުޅަނދު ވައްދަން ފުރުސަތު ދިނުމެވެ.

މި ބިން ހުޅުވާލުމާއެކު، މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މި ބިމަށް ބަދަލުކުރެވުމުން މާލޭގެ މަގުތަކުގެ ތޮއްޖެހުން މިހާރަށްވުރެ ކުޑަވެގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319