
ރާއްޖެއިން ލަންކާއަށް ދޭ އިންސާނީ އެހީ ރަސްމީކޮށް އެ ޤައުމާ ޙަވާލުކޮށްފި

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2025 - 05:39
"ޑިތުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ އިންސާނީ އެހީ ސްރީލަންކާ ގެ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ޑިތުވާ ތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި އާންމު ދިވެހިން ގުޅިގެން ގިނަ އަދަދެއްގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރު ގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.
ފައިސާގެ އެހީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު (1،232،166.02 އެމެރިކާ ޑޮލަރު) ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް މަސްޢޫދު ޢިމާދެވެ. މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.
ދިވެހި ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ ގައި މިހިނގާ ޑިސެމްބަރު މަހުގެ 1 އިން 5 ގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއެވެ.
ދިވެހި ސަރުކާރުން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށެވެ.
މި ތޫފާނުގައި ލަންކާ އިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
8 މިނިޓު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
12 މިނިޓު ކުރިން

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން
18 މިނިޓު ކުރިން
-1765079250590.webp&w=3840&q=75)
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރައްވައިފި
23 މިނިޓު ކުރިން


