
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..
ފަހަތުން އަރައި އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން - 03 ޑިސެމްބަރު 2025 - 09:11
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުގައި އަލަވޭސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އެތްލެޓިކޯ މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ރެއާލް އޮވިއޭޑޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެލެކްސް ބައޭނާއެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. އަދި އޭގެ 10 މިނެޓު ފަހުން މެޗުގެ ލީޑު ހޯދުމަށް ބާސެލޯނާއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ބާސެލޯނާ އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑެނީ އޮލްމޯ އެެވެ. އަދި މިމެޗުގައި އޮލްމޯގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލުކޮށްފައިވާއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން ބާސެލޯނާއަށް 37 ޕޮއިންޓް ލިބިފައިވާއިރު،14 މެޗުން ހޯދި 33 ޕޮއިންޓާއެކު ދެވަނައިގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އަދި މިމެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑުން ލީގުގައި ކުޅުނު 15 މެޗުން ހޯދި 31 ޕޮއިންޓާއެކު އެޓިމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
5 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
5 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ސަންޑަލޭންޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ފަރަގު ކުޑަކޮށްފި
6 ގަޑިއިރު ކުރިން

ޗެލްސީ އާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު
6 ގަޑިއިރު ކުރިން


