logo

ވަކިކުރި މުވައްޒަފުންގެ ނަމާއި ޒާތީ މައުލޫމާތު އާންމުނުކުރަން ނިންމައިފި

profile

ޝުރުފާ މުހައްމަދު - 04 ޑިސެމްބަރު 2024 - 18:45

ރައީސް އޮފީސް

ރައީސް އޮފީސް

ޚަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ އަވަސް ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަޒީފާއިން ވަކިކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެ ނިންމެވުމާއި އެކު މިހާރު 248 މުވައްޒަފުން ވަކިކޮށްފައިވާއިރު ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.

އެހެންވެ އެ މައުލޫމާތު ހޯދުމަށް، އާރްޓީއައި ހުށަހެޅީ އާންމުންގެ ފަރާތެކެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމާއި، މަސައްކަތްކުރި ވުޒާރާ ނުވަތަ އޮފީސް އާންމުކުރުމަށެވެ. އެ އާރްޓީއައިގެ ޖަވާބުގައި ސަރުކާރުން ބުނީ އެދިފައިވާ މައުލޫމާތަކީ އެ ގާނޫނުގެ ދަށުން ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެގޮތުން ނަމާއި، މަސައްކަތްކުރި ތަނަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

މުވައްޒަފުން ވަކިކުރަން ނިންމިކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މި ބަދަލާއި އެކު ދައުލަތުގެ ބަޖެޓުން ޖުމްލަ 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އޭރު ރައީސް ވިދާޅުވެފައިވެ އެވެ.

https://int.etukuri.mv/
tel:+9607331319