
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި, މިސްކިތުގެ ނަން ޝަހީދު ޢުމަރު އަޙްމަދުގެ ހަނދާނަށް!

ޝަހްޒާ މުޙައްމަދު - 28 ނޮވެމްބަރު 2025 - 13:00
ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.
މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަންދެއްވީ، އިސްލާމީ މަރުކަޒެއްގައި ޚިދުމަތްކުރައްވަނިކޮށް ޝަހީދުވި ޢުމަރު އަޙުމަދުގެ ނަންފުޅަށް، ދިއްދޫގެ ފަޚުރެއްކަމުގައިވާ މުހިންމު ބިނާއެއްކަމުގައިވާ ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތް، ހއ. ދިއްދޫއަށް ނިސްބަތްވާ ޝަހީދު ޢުމަރު އަޙުމަދުގެ ޒިކުރާ ދިރުއްވައި އާލާކުރެއްވުމަށް ޓަކާކަަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ. އެ ކަމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ އެ އިސްލާމީ މަރުކަޒުގެ މިސްކިތުގެ ނަމާއި ޢުމަރު އަޙުމަދުގެ ނަން ގުޅުވައިލައްވައިގެންކަމަށްވާތީ އެ ގޮތަށް ނިންމީކަމަށް އެމިނިސްޓްރީއިން ބުންޏެވެ.
ހއ. ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރެވިފައިވާ އިސްލާމީ މަރުކަޒެކެވެ. އެގޮތުން މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، 1 ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނެ އެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގަ އެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.






