
ގައުމީ އެއަރލައިންގެ ފްލީޓު ފުޅާކުރަނީ: އެއަރބަސްގެ 2 ބޯޓު ހޯދުމަށް ހުޅުވާލައިފި

ޖިނާން ޙުސައިން ޖަބީން - 11 އޮކްޓޯބަރު 2026 - 13:56
ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތަކުގެ ވިއުގަ މިހާރަށްވުރެ އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި، އެއަރބަސް މަރުކާގެ ދެ މަތިންދާބޯޓު އޮޕަރޭޓިން ލީސް އުސޫލުން ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން އެއަރބަސް އޭ 220-300 މަރުކާގެ ދެ ބޯޓު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓުތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ކުންފުނިތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މިފަދަ ސުވާލުތަކަށް އޮކްޓޫބަރު 19 ވަނަ ދުވަހުގެ ކުރިން ޖަވާބު ދޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މިވަގުތު މޯލްޑިވިއަނުން ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގެ ހަތް މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންދެއެވެ. މީގެ ތެރޭގައި އިންޑިއާގެ ދެ ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ ތިން ސިޓީއެއް އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ. އައު މަތިންދާބޯޓުތައް ގެނައުމާއެކު، މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާވެ، އިތުރު މަންޒިލްތަކަށް ދަތުރުފެށޭނެ ކަމަށް އުންމީދުކުރެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 27 މަތިންދާބޯޓު ހިމެނެއެވެ. ބައިނަލްއަގްވާމީ ދިގު ދަތުރުތަކަށް ހާއްސަ ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ ބޯޓެއްވެސް މި ފްލީޓުގައި ހިމެނެއެވެ. މީގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ އޭޓީއާރު މަރުކާގެ ފަސް ބޯޓާއި، ޑޭޝް8 މަރުކާގެ ނުވަ ބޯޓު، އަދި ކަނޑުމަތީގައި ޖައްސާ ޑޭޝް6 މަރުކާގެ 11 ޓްވިންއޮޓާރ ސީޕްލޭންވެސް މޯލްޑިވިއަންގެ ފްލީޓުގެ ބައެކެވެ.


