logo

39 ބިލިޔަން ރުފިޔާގެ މަޝްރޫޢު- ބަޖެޓުގައި ހިމަނާފައި ވަނީ 3.6 ބިލިޔަން ރުފިޔާ

profile

އައިޝަތު އިނާޝާ - 28 އޮކްޓޯބަރު 2024 - 19:00

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް- ފޮޓޯ: ރައީސް އޮފީސް

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް- ފޮޓޯ: ރައީސް އޮފީސް

39 ބިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގުމަށް ކުރީ ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ އެންމެ 3.6 ބިލިޔަން ރުފިޔާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލުތައް ނޫސްވެރިންނާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 39 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ 322 މަޝްރޫއުއެއް ކަމަށެވެ.

އެ މަޝްރޫއުތައް:

އެެއާޕޯޓު- 9 މަޝްރޫއު

ބްރިޖް- 1 މަޝްރޫއު

ބިންހިއްކުން - 29 މަޝްރޫއު

މަގުހެދުން - 42 މަޝްރޫއު

ގޮޑުދޮށް ހިމާޔަތް ކުރުން - 44 މަޝްރޫއު

ފެނާ ނަރުދަމާ - 102 މަޝްރޫއު

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާ ކަމަށެވެ. މިނިސްޓަރި ވިދާޅުވީ މީގެ ތެރެއިން، ތިލަމާލެ ބްރިޖް، އައްޑޫ މަގުހެދުން އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ޚަރަދުކުރުމަށް ކަނޑައަޅާފައި ހުރި ފައިސާ ކަމަށެވެ.

މި ދެންނެވި 39 ބިލިއަން ރުފިޔާގެ މަޝަރޫއު ހިންގުމަށްޓަކައި ބަޖެޓްގައި ކުރިޔަށްދާ މަޝްރޫއުތަކަށް ހިމަނާފައި އޮތީ 3.6 ބިލިއަން ރުފިޔާ. މިއީ 2024 ވަނަ އަހަރުގެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އަދަދުގެ ބައިކުޅަބައި. އަޅުގަނޑުމެން ގަބޫލުކުރަނީ ގާތްގަނޑަކަށް 15 - 20 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށް. މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސޮއިކޮށްފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާގެ ބައިކުޅަ ބައެއް ބަޖެޓުގައި ހިމެނިފައި އޮތުމުން ހަރަދުކުރެވެން އަންނަނީ ޤާނޫނީ ގޮތުންވެސް ބަޖެޓަށް ކަނޑައަޅާފައިވާ އަދި އެ ފައިސާ ލިބޭ މިންވަރަކަށް ބަލާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ވީހާވެސް ގިނަ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް މަސަކަތްކުރައްވަމުންގެދަވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިދައުރު ފެށުނު އިރު ދިމާވި އެންމެ ބޮޑުއެއް ދައްޗަކީ ކޮންޓްރަކްޝަން މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ޕެންޑިންގ ބިލްތައް ހުރުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގޮތުން 1.72 ބިލިޔަން ރުފިޔާގެ ޕެންޑިންގ ބިލްތައް ހުރި ކަމަށާއި، ފިނޭންސް މިނިސްޓްރީއަށް ފޮނުވާ އެހެންނަމަވެސް ކޮންޓްރެކްޓަރުންނަށް ނުދައްކާވެސް 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީގެ ފައިނޭސް ޑިޕާޓްމެންޓުން ދިން މައުލޫމާތަކީ މިދެންނެވި ޕެންޑިންގ ބިލްތަކަށް ވާ ފައިސާ މިދިޔަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރިއިރު ހިމަނާފައި ނުވާކަން. މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި އައު މަޝްރޫޢުތައް ހިންގުމަށް ހިމަނާފައި ވަނީ އެންމެ 969.5 މިލިޔަން ރުފިޔާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސޮއިކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހިމަނާފައި ނުވުމާއި، ޕެންޑިންގ ބިލްގެގޮތުގައި 1.72 ބިލިޔަން ރުފިޔާ ހުރުމުގެ ސަބަބުން ސޮއިކޮށްފައިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދަތިވުމުގެ އިތުރަށް އައު މަޝްރޫޢު ފެށުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަމަށެވެ.

އެހެންނަމަވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަޖެޓްގެ ތާށިކަމާއެކުވެސް ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދެވި ނިންމިފައިވޭ. މިނިސްޓަރު ވިދާޅުވިއެވެ.

ނިމިފައިވާ މަޝްރޫތައް:

ބިންހިއްކުން - 1 މަޝްރޫއު

މަގުހެދުން - 1 މަޝްރޫއު

ގޮޑުދޮށް ހިމާޔަތް ކުރުން - 3 މަޝްރޫއު

ފެނާނަރުދަމާ - 29 މަޝްރޫއު

މިނިސްޓަރު ވިދާޅުވީ މުޅިއެކު 37 މަޝްރޫއު ނިމިފައިވާއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 7.976 ބިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރަށް 17 ނޮވެންބަރު 2024 ގެ ނިޔަލަށް 21 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ. މިނިސްޓަރު ވިދާޅުވިއެވެ.


https://int.etukuri.mv/
tel:+9607331319