logo

ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2025 - 11:22

ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ މިލަންދޫ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލަންދޫ އެއަރޕޯޓު ތަރައްޤީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިލަންދޫގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، ޢަމަލީ މަސައްކަތް ފައްޓަވާފައެވެ.

މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

މިލަންދޫގައި 700 މީހުންގެ ޖާގައިގެ، ޒަމާނީ އިސްލާމީ މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލަންދޫގައި ގާއިމްކުރާ ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިލަދުންމަޑުލު އުތުރުބުރިއަކީ ޢުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ޤާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ޤާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހު، މިލަންދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވާނޭކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ޚިދުމަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay