logo

އާރްޑީސީގެ ބައެއް މަސައްކަތްތައް ހުއްޓުވާލަންޖެހުނީ އެމްޑީޕީން ކުންފުނި ދަރުވާލާފައި އޮތުމުން!

profile

އާމިނަތު ޝަފާ - 27 ސެޕްޓެމްބަރު 2024 - 18:45

އާރްޑީސީގެ މުވައްޒަފުންތަކެއް

އާރްޑީސީގެ މުވައްޒަފުންތަކެއް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން -އާރްޑީސީ އަކީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާ ކުންފުންޏެކެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ކުންފުންޏަށްވެސް ޖެހުނީ ހަމަ ސަރުކާރުގެ އެހެނިހެން ކުންފުނިތަކަށްވެސް ޖެހުނު ހާލެވެ. 5 އަހަރުގެ ދައުރެއް ނިމިގެންދިޔައިރު ކުންފުނި އޮތީ ދަރާވިކިފައެވެ.

އައު ސަރުކާރު ވެރިކަމާ ހަވާލުވެ ސަރުކާރުގެ އެހެނިހެން ކުންފުނިތަކެކޭ އެެއްގޮތައް އާރްޑީސީގެ ހަރަދުތައް ކުޑަކޮށް ކުންފުނި ކޮޅަށްޖެހުމުގެ މަސައްކަތް ފެށިއެވެ. ސަރުކާރު ވެރިކަމާ ހަވާލުވީ ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް އަރާފައިވާ ދަނޑިވަޅެކެވެ. ސަރުކާރު ވެރިކަމަށް އައިއިރުވެސް ކުންފުނީގެ މަސައްކަތްތައް ހުރީ ހުއްޓިފައެވެ. އެހެންނަމަވެސް އެ މަަސައްކަތަކަށް ނަގާފައިތިބި މުވައްޒަފުންނަށް ދޭ ފައިސާއިން ދޮޅު ރުފިޔާވެސް މަދެއްނުކުރެއެވެ. ނަތީޖާއަކީ މުޅި އާރްޑީސީގެ ހަރަދު އަތް ނުފޯރާ ފަށަށް ދިއުމެވެ.

ސަރުކާރު ވެރިކަމާ ހަވާލުވެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައިފިއެވެ. އެއާއެކު ކުންފުނި މުޅިން ބަދަލުކުރުމަށް މަސައްކަތްތަކެއްވެސް ފަށައިފިއެވެ.

ނަތީޖާއަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމްނުވެ އާރުޑީސީ އިން 25 ރަށެއްގައި ކުރިއަށްގެންދާ މަސައްކަތް ހުއްޓާލާފައިވާ ކަމަށްބުނެ ވާހަކަތަކެއް ފެންމަތިކުރުމެވެ.

އިދިކޮޅު ފަރާތްތަކުން އަޑުފަތުރާފައިވަނީ ނ. މަނަދޫގެ މަގު ހެދުން، ރ. އަލިފުށީގެ މަގު ހެދުން، ހއ. ފިއްލަދޫ ބަނދަރާއި މަގު ހެދުން، ނ. ކެނދިކުޅެދޫގެ މަގު ހެދުން، ގއ. ގެމަނަފުށީގެ މަގުތައް ހެދުން، ގއ. މާމެންދޫގެ މަގުތައް ހެދުން، ރ. މަޑުއްވަރީގެ މަގުތައް ހެދުން، ޅ. ނައިފަރުގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވެހީގެ މަސައްކަތް، އިސްދޫ ލަކައިދޫގެ ބޮޑު މަގު ހެދުން، ލ. މާވަށު މަގުތައް ހެދުން، ރ. އިނގުރާދޫގެ 2 ވަނަ ފިޔަވަހީގެ މަގުތައް ހެދުން، މ. ކޮޅު ފުށީގެ މަގުތައް ހެދުން، އއ. ތޮއްޑޫގެ މަގުތައް ހެދުން، ގދ. ވާދޫގެ މަގުތައް ހެދުން، ހއ. ކެލާގެ މަގުތައް ހެދުން ހުއްޓާލާފައިވާކަމަށެވެ.

މީގެ އިތުރުން ކޮންޓްރެކްޓްމަސައްކަތް ހުއްޓާލާފައިވާކަމަށާއި މުވައްޒަފުން ކަނޑާލާކަމަށްވެސް އަޑުފަތުރަމުން އެބަދެއެވެ.

މިކަމާ ގުޅިގެން އަސްލު ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާރްޑީސީން ބުނީ އިދިކޮޅު މީޑިއާތަކުގައި ކުންފުނި ބަދުނާމުކުރުމަށް ފަތުރަމުން ދަނީ އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރުން ކުންފުނި މެދުވެރިކޮށް ކުރަން ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލާފައިނުވާނެ ކަމަށާއި މިވަގުތައް ބައެއް މަޝްރޫއުތައް މަޑުޖައްސާލީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންކަމަށް އާރްޑީސީން ބުންޏެވެ.

މިވަގުތައް މަޑުޖައްސާލާފައިވަނީ މަސައްކަތް ފަށަން ނިންމާފައިހުރި ބައެއް ރަށްރަށުގެ މަސައްކަތްތައް ކަމަށާއި މަސައްކަތް ކުރިއަށްދާ އެއްވެސް ރަށެއްގެ އެއްވެސް މަސައްކަތެއް ހުއްޓާލާފައިނުވާނެ ކަމަށް އާރްޑީސީން މައުލޫމަތު ދެއެވެ. އާރްޑީސީން ބުނީ މިހާރުވެސް 3 މަޝްރޫއެއް ނިމުމަކާ ގާތުގައި އުޅޭކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުން ކަނޑާލިކަމަށްބުނާ މައްސަލައިގައި އާރްޑީސީން ބުނީ ބައެއް މަސައްކަތް ނިމުމުން އެ މަސައްކަތަށް ކޮންޓްރެކްޓް އުސޫލުން ނެގި މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށާއި ބައެއް މަޝްރޫއުތައް ކުރިއަށްނުދާތީ މުވައްޒަފުންނަށް ސައިޓު ބަދަލުކުރުމަށް ފުރުސަތު ވެސް ދީފައިވާނެ ކަމަށެވެ.

ސައިޓު ބަދަލުކޮށްފައިވާ މުވައްޒަފުން ފިޔަވައި ދެންތިބި މުވައްޒަފުން ދޫކޮށްލީ އެކަށީގެންވާ ބާރުމިނުގައި މަސައްކަތް ނުދާތީ އިތުރަށް ދައުލަތުގެ މާލިއްޔަތަށް ބުރަބޮޑު ނުކުރަން ކަމަށް އާރްޑީސީން ބުނެއެވެ.

ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން އަންނަނީ ސަަރުކާރުގެ އަގު ވައްޓާލުމަށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ. ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް އެތައް ތުހުމަތެއް އަޅުވަމުންނެވެ. އެހެންނަމަވެސް ނުދައްކާ ނުވަތަ ދައްކަން ނުކެރޭ ވާހަކައަކީ އާރްޑީސީ ބޭނުންކޮށްގެން އެމްޑީޕީ ސަރުކާރުގައި ހިންގާލި ޖަރީމާތަކުގެ ވާހަކައެވެ. މިއަދު އެ މަޝްރޫއުތައް މެދުކަނޑާލަން ޖެހުނީ އެމްޑީޕީ ސަރުކާރާ ހެދިކަމެވެ.

https://wamco.com.mv/
tel:+9607331319