އެމްޑީޕީން ކުރާ ކަމަކީ ރައްޔިތުންނަށް މަލާމާތްކުރުން: އިބްރާޙިމް މުޙައްމަދު
އައިޝަތު އިބްރާހިމް - 27 ޖެނުއަރީ 2025 - 13:20
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަބަދުވެސް ކުރާ ކަމަކީ ރައްޔިތުންނަށް މަލާމާތް ކުރުން ކަމަށް މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ 12 މެންބަރުގެ ސޮޔާ އެކު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރުނެތްކަމުގެ މައްސަލަ 16 ޖެނުއަރީގައި ވަނީ މަޖިލީހަށް ވައްދާފައެވެ.
މި މައްސަލައާ ގުޅިގެން އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކައްވަމުން މެމްބަރު މުޙައްމަދު އިބްރާޙިމް ވިދާޅުވީ، ރައްޔިތުންގެ ވަގުތު ނަގާލުމަކީ އެމްޑީޕީން އަބަދުވެސް ކުރާ ކަމެއް ކަމަށާއި މިސަރުކާރުން އުޅެނީ ވަގުތު ގިނަވެގެން ނޫން ކަމަށެވެ.
ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ އެތަށް ބައިވަރު ވަޢުދުތަކަކާއި ޑެލިވަރީކޮށްދޭން ޖެހޭ އެތައް ބައިވަރު މައްސަލަތަކެއް ޤައުމުގައި އެބަހުރިކަމަށެވެ.
އެކަންކަމަށް އެޑްރެސްކުރުމުގެ ބަދަލުގައި އެމްޑީޕީން އުޅެނީ ވަޒީރުން ނޫނީ ވެރިންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދަން ކަަމަށެވެ. އެއީ އަސްލު ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށެވެ.
"ދަންނަވަންތޯ؟ ރައްޔިތުންގެ ވަގުތު ނަގާލުމަކީ އެމްޑީޕީން އަބަދުވެސް ކުރާކަމެއް. އަޅުގަނޑުމެން މިއުޅެނީ ފަހަރެއްގައިވެސް ވަގުތު ގިނަވެގެންނެއް ނޫން. ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަރަށް ބައިވަރު ވަޢުދަތަކެއް އެބަހުރި. ރައްޔިތުންނަށްޓަކައި ޑެލިވަރީކޮށްދޭން ޖެހޭ އެތައް ބައިވަރު މައްސަލަތައް ޤައުމުގައި އެބަހުރި އެހެންވީމާ އެކަންކަމަށް އެޑްރެސްކުރުމުގެ ބަދަލުގައި ދުވާލަކު އެއްފަހަރު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް، ދުވާލަކު އެއްފަހަރު ވެރިންގެ އިތުބާރު ނެތްކަމަށް މިއީ ހަޤީޤަތުގައި ރައްޔިތުންނަށް މަލާމަތް ކުރުން." މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު
މެމްބަރު ވިދާޅުވީ މިއީ ރައްޔިތުން ވޯޓުދީގެން އުއްމީދުތަކެއް ޙާޞިލުކުރުމަށް ގެނައި ސަރުކާރެއް ކަމަށެވެ. ކަންކަން ކުރުމަށް ހޮވާފައި ތިބި މެމްބަރުންގެ އަތްފައިކޮށައި ގެއްލުން ދެވެނީ ހަމަ ރައްޔިތުންނަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މަޖްލީހަށް ހޮވާފައިވާ އެއްވެސް މެމްބަރު އަދި އެއްވެސް ވަޒީރަކުވިޔަސް ވަކިކުރަން ނުވަތަ އިތުބާރުނެތްކަމަށް ހުށަހަޅާ އެއްވެސް ބިލަކަށް އޭނާ ތާޢީދެއް ނުކުރައްވާނެ ކަމަށެވެ.
ދާއިރާގެ ރައްޔިިތުންގެ ޙައްޤުގައި ބޭނުންވަނީ އެކަހަލަ ބޭކާރު ކަންތައްތަކުގައި ނޫޅެ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންތައްތަކައިގެން ކުރިއަށް ދިއުން ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ 12 މެމްބަރަކު ސޮއިކުރައްވައި މައިގަނޑު ތިން ކަމެއް ފާހަގަކޮށް މިނިސްޓަރ އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖްލީހަށް ވަދާފައިވަނީ އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެމަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ޤާނޫނު އަސާސީއާ ޚިލާފަށް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށެވެ.