logo

އަމިއްލަ އިންޝުއަރެންސް ނުލިބޭ ހާލަތެއްގައި އާސަންދަ ކަވަރޭޖް ލިބޭނެ: އެންސްޕާ

profile

ޝާމާ ޝުޢައިބު - 03 ނޮވެމްބަރު 2024 - 12:30

އާސަންދައިގެ ޚިދުމަތްދޭ މަރުކަޒެއް

އާސަންދައިގެ ޚިދުމަތްދޭ މަރުކަޒެއް

އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ކަވަރޭޖް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.

ސަރުކާރުން ވަނީ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން އައުޓް ޕޭޝަންޓްގެ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދިނުމަށް ނިންމައިފައެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުންވަނީ އަމިއްލަ އިންޝުއަރެންސް ސްކީމަށް އިސްކަން ދޭ ފެށުމުން، އާސަންދަ ނުލިބި ރައްޔިތުން ބޮޑެތި އަދަދުން ޑޮކްޓަރަށް ދައްކަން ފައިސާ ދައްކަންޖެހިފައިވާ ކަމަށް ބުނެފައެވެ.

މިއީ ސައްހަ ނޫން މައުލޫމާތެއްކަން ހާމަކޮށް އެންސްޕާއިން ބުނީ އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުގެ ކޭޝްލެސް ފޭމަންޓް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ކަވަރޭޖް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށެވެ.

ކޭޝްލެސް ޕޭމެންޓް ނިޒަމާކީ، ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކުން ދޭ ޚިދުމަތަށް ފައިސާ ވަގުތުން ދައްކަން ނުޖެހި އެމުޢަމަލާތް ސީދާ ހޮސްޕިޓަލާއި އިންޝުއަރެންސް ކުންފުންޏާ ދެމެދު ކުރެވޭ ނިޒާމެކެވެ. އެ ނިޒާމު ހުއްޓާލުމުން އެފައިސާ ދެއްކުމާއި އަނބުރާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ޚިދުމަތް ހޯދާ ފަރާތުންނެވެ.

ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވުންފާޅުކޮށް އެންސްޕާއިން ބުނީ ކަމާ ގުޅުންހުރި ސައްހަ މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.


https://int.etukuri.mv/
tel:+9607331319