logo

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލަނީ

profile

ޝާމާ ޝުޢައިބު - 27 ސެޕްޓެމްބަރު 2024 - 23:00

ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން

ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން

ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެ ގޮތުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރެވޭނެ އުސޫލު އިޢުލާނުކޮށް، އެ ފަރާތްތަކަށް ދަފްތަރުވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީ ކުރުން ލާޒިމްނުވާ، އެހެން ނަމަވެސް ވިޔަފާރީގެ ހަރަކާތްތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތައް ހިމެނޭ ކަމަށެވެ.

އެހެންކަމުން ބީސީސީން މިއަދު މި އާންމުކުރި އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރު ކުރުމުގެ އުސޫލުގެ އެންމެ މުހިއްމު އެއް މަގްސަދަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމް ކޮށްދިނުމެވެ.

މި ބޭފުޅުން މި ފޯލްވަނީ ބޮޑަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ސެލްފް އެމްޕްލޯއިޑް މީހުންގެ ގޮތުގަ. އެހެންވީމަ އަދި ރާއްޖެއަކު ނެތް މިބޭފުޅުން ފޯމަލީ ރެކޮގޮނައިޒް ކުރެވޭ ނޫނީ ދަފްތަރު ކުރެވިގެން މި ބޭފުޅުންގެ މައުލޫމާތު ބެލެހެއްޓޭ ނިޒާމެއް. އެހެންވީމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަރައްގީ ކުރުމުގެ ޒިންމާ ހަވާލުވެފަ އޮތް ކުންފުނީގެ ހައިސިއްޔަތުން މި ދަފްތަރު އެކުލަވާލުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ މި ދެންނެވި ގޮތަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމް ކޮށްދިނުން - ބީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ސާމިހް އާދަމް

ސާމިހް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ފަންޑެއް އިއުލާނުކޮށް އެ ފަންޑުގެތެރެއިން ޕްރޮޑަކްޓެއް ބީސީސީން ލޯންޗުކޮށް، އޮކްޓޫބަރު 10 ވަނަ ދުވަހު އެޕްލިކޭޝަނަށް ހުޅުވާލެވޭނެ ކަމަށެވެ.

މިި ދަނޑިވަޅުގަ ބީސީސީން މި އުސޫލު އާންމު ކުރި އަނެއް މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގަ ރަޖިސްޓްރީ ކޮށްފަ ތިބި ފަރާތްތަކާއި ރަޖިސްޓްރީ ކުރުން ލާޒިމް ނުވާތީ ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް އެ ދަފްތަރުގެ ތެރެއިން އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ކްރިއޭޓިވް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަމާޒުކޮށްގެން ބީސީސީން ދޭ ސާވިސްތަކާ އެ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތުތައް ހުޅުވާލުމުގަ މިފަދަ ދަފްތަރެއް ގާއިމްކުރެވި އެ ދަފްތަރުގެ ތެރެއިން މި ދާއިރާގަ ހަރަކާތްތެރިވާ ފަރާތްތައް އެނގިގެން ދިއުމުން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް ސާމިހް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319